އެޕްލައިޑް ސައިންސަސްއަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރެވޭނެ ގޮތްތަކަކާމެދު ވިސްނާވަޑައިގަތުމަށް، ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ ޑީނުންނަށާއި، ލެކްޗަރަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުބާރުގޭގައި މި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އެޕްލައިޑް ސައިންސްގެ ދާއިރާއިން ކުރިއަށްދާ ކުދިންގެ ޢަދަދު ވަރަށް މަދުކަން ފާހަގަކުރައްވަމުން، އެޕްލައިޑް ސައިންސްގެ ދާއިރާއިން މަސައްކަތުގެ މައިދާނުގައި ނުވަތަ މަސައްކަތުގެ ބާޒާރުގައި މާބޮޑެތި މަސައްކަތްތައް ކުރާނެ ފުރުޞަތު ނެތުމަކީ، އެކަމުގެ ސަބަބަކަށް ވެދާނެ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ތަނެއް ކުރިއަށްދާނީ، އެޕްލައިޑް ސައިންސަސް އެނގި، ދަސްވެގެން ކަމަށާއި، މަސްވެރިކަމާއި އަދި ރާއްޖޭގެ މި ނޫން އެހެން ޞިނާޢަތްތަކަށް މި ދާއިރާއިން ކުދިން ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔުނިވަރސިޓީގެ ދުވަސްވަރަކީ، ކުއްޖެއްގެ ޙަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަސްތައް ކަމަށާއި، އަދި އެއީ، ކުއްޖެއްގެ ޙަޔާތުގައި އެންމެ ޒިންމާދާރުކަމާއެކީ ހޭދަކުރަންޖެހޭ ދުވަސްތައް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، އަލަށް ކިޔަވައިގެން ޑިގްރީ ނިންމާ ކުދިން، ޔުނިވަރސިޓީގެ ހިޔާވަހިކަމުން ދުރަށް ނުކުމެ، މަސައްކަތުގެ މައިދާނުގައި އުޅެމުންގެންދާއިރު، ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހޭ އެތައް ކަންތައްތަކަކާ އެކުދިންނަށް ދިމާވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ. އަދި އެ ކުދިންވާންޖެހޭނީ ގޮތް ދޫނުކޮށް، ކަމެއް ހާސިލުކުރުމަށް ގަދައަޅައި މަސައްކަތް ކުރާ ކުދިބަޔަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު އެމީހެއްގެ އަމިއްލަ ނަފުސަށް އިތުބާރު ނުކުރާކަމަށްވާނަމަ، އަދި ކުރިއަށްދާން ބޭނުންވާ ދާއިރާއެއްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ކަމަށްވާނަމަ، އިސާހިތަކު ނަފުސުގެ މަތިން ފޫހިވެ، ނަފުސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެމީހެއްގެ މައްޗަށް އޮންނަ އިތުބާރަކީ، އެމީހަކު އެންމެ ވަރުގަދައަށް ދަސްކުރަންޖެހޭ ފިލާވަޅުކަންވެސް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި އިތުރުވަމުން މި އަންނަ ޒުވާން އާބާދީއަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދޭން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާއާ ހަމައަށް އާދެވެނީ، ކޮންމެވެސް ކަހަލަ ހުނަރެއް އެކުއްޖަކަށް ލިބިގެން ނުވަތަ ތަޢުލީމީ ރޮނގުން މަތީ ފާހެއް އޮވެގެން ކަމަށާއި، ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑެތި ގޮންޖެހުންތަކަށް ބަލާކަމަށްވާނަމަ، މިއީ ޔުނިވަރސިޓީގައި މަޝްވަރާ ކުރެވި، އެއަށް ގޮތްތަކެއް ނެރެވެންޖެހޭ މައްސަލަތައް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވަނީ ވަޒީފާގެ ފުރުޞަތު. ޒުވާން ކުދިން ބާރުވެރިކުރުވެން މި އަންނަނީ އަދި ޒުވާން ކުދިންނަށް، މަސްތުވާތަކެތިން ދުރަށް ދެވެން މި އަންނަނީ ދެބަސް ނުވެވޭނެ ގޮތުގައި އެކުދިންނަށް ވަޒީފާގެ ފުރުޞަތުތައް ހަމަޖެހި، އެކުދިންނަކީ މުޖުތަމަޢު ބަލައިގަންނަ ކުދިންނަށް ހެދިގެން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ މިއަދުގެ ޙާލަތު އޮތް ހިސާބު، ޔުނިވަރސިޓީގެ ލެކްޗަރަރުން، ޔުނިވަރސިޓީގެ ދަރިވަރުންނަށް، މިއަދު އެބަ ކިޔަވައިދޭން ޖެހޭ ކަމަށާއި، މިއީ އެއްގޮތަކަށްވެސް އެ ދަރިވަރުން ސިޔާސީ ކުރުވަން ކުރަންވީ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޙާލަތު އޮތް ހިސާބު، ޔުނިވަރސިޓީގައި ރިސަރޗް ކުރާ ބަޔަކަށްވުރެ ބޮޑަށް، ތަޙުލީލީ ނަޒަރަކުން އެނގޭނެ ބަޔަކު ނޫޅޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޔުނިވަރސިޓީގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޑިގްރީ ކޯސްތަކުގެ ދަސްވެނީންނަށް ޑިގްރީ ސަނަދާއި، އަދި ޔުނިވަރސިޓީން ހިންގި އެކި ކޯސްތަކުން 1 ވަނަ ހޯދި ދަސްވެނީންނަށް އިނާމުތައް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ސެޓްފިކެޓާއި ޑިޕްލޯމާ ކޯސްތަކުގެ ބައިވެރިންނަށް ސަނަދުތައް ދެއްވީ ޔުނިވަރސިޓީ ކައުންސިލް މެންބަރުންނެވެ.
ޑިގްރީ ކޯސްތަކުގެ ބައިވެރިން ދަސްވެނިވިކަން މި ރަސްމިއްޔާތުގައި އިޢުލާން ކުރެއްވީ، ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނެވެ.