ގިނީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ އެލެގްޒެންޑަރ ސޭސޭ ލުއާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ގިނީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫއުތަކާބެހޭ މަޢުލޫމާތު، ގިނީގެ ސަފީރަށް ދެއްވިއެވެ. މިގޮތުން، ރާއްޖޭގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުންނާއި، އަދި، ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ގިނީގެ ސަފީރުގެ ވާހަކަފުޅުގައި، ގިނީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވުމަކީ، ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ގިނީގެ މައިގަނޑު އިޤްތިޞާދީ ކަންކަމުގެ މައްޗަށް ބައްލަވާލައްވައި، ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.