ފިޖީން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މިސްޓަރ ޔޮގޭޝް ޖޭ. ކަރަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ފިޖީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ފިޖީއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، މިސްޓަރ ޔޮގޭޝް ޖޭ. ކަރަންގެ ސަފީރުކަމުގެ ދައުރުގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ފިޖީއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބެލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ފިޖީގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެޤައުމުގެ ވިޔަފާރީގެ ދާއިރާ، އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި، އިޢާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން އެޤައުމުގެ ސަރުކާރުން ރާއްވަވާފައިވާ ކަންކަމާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފާއި، ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.