ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، އިސްލާމިކް ކޯޕަރޭޝަން ފޮރ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަރުގެ ސީ.އީ.އޯ އަދި ޖެނެރަލް މެނޭޖަރ، އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައުންޑަރ އަދި ޕްރިންސިޕަލް ޝެއަރހޯލްޑަރ، މިސްޓަރ ޚާލިދު އަލް-އަބޫދީ،‏ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި އޮތް ބޭންކިންގެ ނިޒާމު، ޒަމާނާ އެއްގޮތަށް ފުޅާކުރަންޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިގޮތުން އިސްލަމިކް ކޯޕަރޭޝަނަށް ކޮށްދެއްވެން ހުރި ކަންކަމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށްޓަކައި ވަރަށް އުއްމީދީ ޕްރޮގްރާމްތަކެއް ރޭވިފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިސްޓަރ ޚާލިދު އަލް-އަބޫދީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގެ ކުރިއެރުމަށް ވެދެއްވެން އޮތް އެހީތެރިކަމަކާ އެއްބާރުލެއްވުން އެ ކޯޕަރޭޝަނުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި، މި ދާއިރާތަކުގެ ތަރައްޤީއަށް އިތުރަށް ކޮށްދެއްވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށާއި، ގެދޮރުއެޅުމުގެ މަޝްރޫޢުތަކަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމާމެދު މަޝްވަރާ ކުރެވެމުންދާކަންވެސް މިސްޓަރ ޚާލިދު އަލް-އަބޫދީ ހާމަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވިއެވެ.