ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ރިޔާސީ އިންތިޚާބު އޮބްޒަރވް ކުރައްވަން ވަޑައިގެންނެވި ކޮމޮންވެލްތު ވަފުދުގެ ބޭފުޅުން، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ދިޔައީ ވަރަށް ރޭވުންތެރިކަމާއެކީގައި، ވަރަށް އޮމާންކޮށްކަން ކޮމަންވެލްތުގެ ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބުގެ ތެރޭގައި ދިވެހި ރައްޔިތުން ތަމްސީލުކޮށްދީފައިވަނީ ޑިމޮކްރެސީގެ ވަރަށް ރީތި ނަމޫނާއެއް ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި އެ ވަފުދުގެ ޗެއަރ ބްރޫސް ގޯލްޑިންގ ތަޢުރީފު ކުރެއްވިއެވެ.
ނިމިގެންދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ކޮމޮންވެލްތު ވަފްދަށް ފާހަގަ ކުރެވުނު އެކިއެކި ކަންބޮޑުވުންތަކުގެ މައްޗަށްވެސް ވަފްދުގެ ބޭފުޅުން ބައްލަވައިލެއްވިއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަންފަދަ މުހިންމު މަޤާމުތަކުގައި ތިއްބަވަންވާނީ، ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ފަރާތްތަކަށްވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބާބެހޭ ޤާނޫނަށް އިސްލާހުތަކެއް މިހާރުން މިހާރަށްވެސް ބޭނުންވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، އެ ޤާނޫނުތަކަށް ހުރިހާ ފަރާތްތަކުން ފުރިހަމައަށް ބޯލެނބުމާއި، ހުރިހާ ފަރާތެއްވެސް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުކުރުވުން ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވެފައިވާ އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް އެޅުއްވުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުންގެ ފަރާތުން ޒިންމާދާރު، ތަހުޒީބު އަޚްލާޤެއް ފެނިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީނާއި، ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.