ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ‏ޝެލީ ވައިޓިންގ،‏ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ކެނެޑާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް ދެބޭފުޅުން ބައްލަވައިލެއްވިއެވެ. މިގޮތުން، ތިމާވެށްޓާއި، ހަކަތައިގެ ދާއިރާއިން ހިންގިދާނެ ހަރަކާތްތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ އަމާޒަކީ، ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކަށް އިސްކަންދީގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކި މަޝްރޫޢުތައް އަލުން ރާއްވަވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ނަރުދަމާގެ ނިޒާމާއި ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތް ރަށްރަށް ގިނަކަން ފާހަގަކުރައްވައި، މިއީ މިވަގުތު ވަރަށް ބޭނުންތެރިވެފައިވާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ޒުވާނުންގެ ކުރިއެރުމަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި ކަންކަމާބެހޭ މަޢުލޫމާތު، ކެނެޑާ ސަފީރާ ހިއްސާ ކުރެއްވިއެވެ. އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވާ މުހިންމު ނުކުތާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށާއި، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަނަށް ލިބުނު ކާމިޔާބީއަށް ކެނެޑާ ސަފީރު މަރުޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.