ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ‏ޑޮކްޓަރ ޗުއަ ޔޮންގ ހައި،‏ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ހިންގަމުންގެންދާ އެކިއެކި މަޝްރޫޢުތަކާއި، ރާއްޖޭގެ މުސްތަޤްބަލާމެދު އެމަނިކުފާނުގެ ތަޞައްވުރު، ސިންގަޕޫރުގެ ސަފީރާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ތަރައްޤީއަށް ރޭވިފައިވާ އެކިއެކި މަޝްރޫޢުތައް އަލުން ދިރާސާކުރުމަށްފަހު، މިވަގުތަށް އެންމެ އިސްކަމެއް ދޭންޖެހިފައިވާ ދާއިރާތަކަށް މުހިންމުކަންދީގެން މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ތިލަފަޅާއި ހުޅުމާލޭގެ ތަރައްޤީއަށްޓަކައި ރޭވިފައިވާ ކަންކަމާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ،ސިންގަޕޫރުގެ ސަފީރާ ޙިއްޞާ ކުރެއްވިއެވެ.

ސަރުކާރު ހިންގުމުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ސިވިލް ސަރވިސްގެ ދާއިރާއަށް ވަރަށް ބޮޑެތި އިސްލާހުތަކެއް ބޭނުންވެފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު ތަމްރީނު ދިނުމުގަޔާއި، މި ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ސިންގަޕޫރުން ވެދެވޭނެ އެހީތެރިކަމުގެ މައްޗަށް ދެބޭފުޅުން ބައްލަވައިލެއްވިއެވެ.

މީގެ އިތުރުން، މި ސަރުކާރުން ޤައުމުގެ ކުރިމަގަށްޓަކައި ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން އެދޭފަދަ ހިސާބަކަށް މިޤައުމު ގެންގޮސްދެއްވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިންގަޕޫރު ސަފީރު ދެއްކެވި ވާހަކަފުޅުގައި، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން ނިމިދިޔައީ ވަރަށް އޮމާންކަމާއެކުގައިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ސިންގަޕޫރު ސަރުކާރުން ހިންގަމުންދާ އެކިއެކި މަޝްރޫޢުތައް އެދެވޭ ބާރުމިނެއްގައި ކުރިއަށް ގެންދިޔުމަށް އެޤައުމުގެ ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދޭ ކަމުގައި ސަފީރު ވިދާޅުވިއެވެ. ޚާއްޞަ ގޮތެއްގައި މީހުން ބިނާ ކުރުމުގެ ދާއިރާއަށް ސިންގަޕޫރުން ވެދޭ އެހީތެރިކަމަކީ، އެޤައުމުން ވަރަށް ބޮޑު އަހަންމިއްޔަތެއްދީގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމުގައިވެސް ސިންގަޕޫރު ސަފީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.