މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ ސިފައިންނާއި ފުލުހުންގެ ފޯސްގައި މިހާރު ތިބި އެންމެން ގެދޮރުވެރިކުރުވުމަކީ، އެންމެ އިސް އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އުތުރު ތިލަފަޅުގައި ޤާއިމު ކުރެވުނު ކޯސްޓްގާޑު ބަނދަރާއި، އަދި އެ ތިލަފަޅުގައި ޢިމާރާތް ކުރެވުނު މިސްކިތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހެނދުނު އުތުރު ތިލަފަޅުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގެދޮރުވެރިކަމަކީ، މިއަދު ސިފައިންނަށާއި ފުލުހުންނަށްވެސް އެންމެ ދަތިވެފައިވާ އެއް މައްސަލަކަން ފާހަގަކުރެއްވިއެވެ.

ދިވެހިންނަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ސިފައިންނާއި ފުލުހުންގެ ދައުރަކީ، ވަރަށް މުހިންމު ދައުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސިފައިންގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަކީ، ކޮންމެ ދިވެހި ރައްޔިތަކަށް ލާޒިމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގެ މަޝްރޫޢަށް މިހާތަނަށް އެކި ފަރާތްތަކުން ވެދެއްވާފައިވާ އެހީތެރިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޚާއްޞަކޮށް އެމް.އެން.ޑީ.އެފް.އިން ކުރެއްވި މަސައްކަތްތަކަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެއްވެން ހުރި މަސައްކަތްތައް ކޮށްދެއްވުމަށް ނިންމަވައިފިކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެކަން ކޮށްދެއްވާނީ ބަޖެޓުގެ ބޭރުން ކަމަށާއި، ޙަޤީޤަތުގައި ޗެލެންޖަކަށްވަނީ ބަޖެޓުގައި ނުޖަހައި ކަންކަން ކުރެވޭނެ ގޮތްތަކެއް ރޭވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ ޑިސިޕްލިން އަދިވެސް މިހާރަށްވުރެ ބޮޑަށް ހަރުދަނާވާންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ސިފައިންނަކީ ވަކި ކަހަލަ ޑިސިޕްލިން ތަކެއްގައި،ވަކި ގޮތަކަށް ބައްޓަންވެގެން، ވަކިކަހަލަ ތަމްރީނުތަކެއް ލިބިގެން، ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާންޖެހޭ ބައެއް ކަމަށާއި، ސިފައިންގެ ތެރެއިން ވަކިވުމަކީ މި ޢަޒުމަކަށް މި ޑިސިޕްލިނަކަށް ބަދަލުއަންނަންޖެހޭ ކަމެއް ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އެންމެ ޝަރަފުވެރިކަމާއެކީ ވަކިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިންވެސް ތަފާތު ހާލަތެއްގައި މިއަދު ހޭދަކޮށްލައްވަން ޖެހުނީމާ، ކިޔަވައިދިން ވަރުގަދަ ޑިސިޕްލިންގެ މަތިން ހަނދާންނެތިގެންދާ ކަމަށްވަންޏާ، 20 އަހަރުގެ ދިގު، ކުލަގަދަ ޚިދުމަތެއްގެ ބޭނުމަކީ ކޮބައިތޯ ޔުނިފޯމުގައި ތިއްބެވި ބޭފުޅުން މިއަދު ސުވާލު އުފައްދަން އެބަޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އެމަނިކުފާނު ބޭނުންފުޅުވަނީ ސިފައިންގެ ތެރޭގައި ހަމަޖެހުން އޮތުމެވެ. މިކަހަލަ ކުޑަކުޑަ ޤައުމެއްގައި ސިޔާސީ އޮއިވަރުގެ ތެރޭގައި، ސިޔާސީ ފިކުރުގެ މީހުން އުޅުނުނަމަވެސް، މިއީކީ ޔުނިފޯމުގައި ތިއްބެވި ބޭފުޅުންނަށް އޭގެ ދައުރެއް އޮތް ކަމެއް ނޫނެވެ. ސިފައިންނަކީ، ޑިސިޕްލިން ކުރާ އަދި ޑިސިޕްލިން ބައެކެވެ. ސިފައިންނަކީ މި ޑިސޕްލިންގެ މަތީގައި ތިބެގެން ޤައުމަށް ބޭނުންވާ ހުރިހާ ރައްކާތެރިކަމަކާއި އަމާނާތްތެރިކަމެއް އަޅުގަނޑުމެންނަށް ފޯރުކޮށްދޭން ތިބި ބައެކެވެ.

ސިފައިންގެ ޚިދުމަތާއި ސިފައިން އަދާކުރަންޖެހޭ ދައުރު އިތުރުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކުގެ އިތުރަށްވެސް، ދިވެހި ރައްޔިތުންނަށާއި ދިވެހި މުޖުތަމަޢަށް ތަފާތު އެކި ޚިދުމަތްތައް ކުރުމުގެ ރޫޙު ސިފައިންގެ ތެރޭގައި އެބަހުރިކަން އަޅުގަނޑުމެންނަށް މިއަދު ފެނިގެން އެބަދާ ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުގެ އެންމެ އިސް އަމާޒަކަށްވެގެންދަނީ، ޒުވާނުންގެ ހަރަކާތައް އިތުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުންކަން ބަޔާންކުރައްވަމުން، ޒުވާނުންގެ ހަރަކާތްތައް އިތުރުކޮށް، ޒުވާނުންނަކީ، ބާރުވެރި ބަޔަކަށް ހަދައި އެމީހުންނަކީ، ބިނާކުރަނިވި ބައެއް ކަމަށް ހެއްދެވުމަކީ އެ އަމާޒުގެ މުހިންމު ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޒުވާނުންގެ އަމާޒާއެކީގައި މިކަންކަން ޙާސިލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާ އެއްބަޔަކީ، އެމް.އެން.ޑީ.އެފް.ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.