ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، މާލެއަތޮޅު ގުޅީ ބަނދަރުގެ މަސައްކަތް މިއަދު ފަށްޓަވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރުފަހު ގުޅީގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ގުޅީގައި ހަދާ ބަނދަރުގެ ޢަމަލީ މަސައްކަތް ފެށިގެންދިޔުމަކީ، ރަށުގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައި ހުރި ވަރަށް މުހިންމު މަސައްކަތެއްގެ ފެށުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ސަރުކާރުގެ ވިސްނުން އަބަދުވެސް ބިނާވެފައި އޮންނާނީ، މި ސަރުކާރުގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މަޝްރޫޢުތަކުގެ ތެރޭގައި، އެއްވެސް ރައްޔިތަކު މަޙުރޫމު ނުކޮށް ކުރިއަށް ގެންދިޔުމުގެ މުހިންމު ކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި، މި މަސައްކަތް ކުރިއަށްދާއިރު، ރާއްޖޭގެ އެކި އަތޮޅުތަކާއި އެކި ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ދެނެގަނެ، އެ ދަތިތައް ޙައްލު ކުރުމަށް ކުރިއަށް މިއޮތް 5 އަހަރު ދުވަހުގެ ތެރޭގައި މަސއްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މި ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްމަސައްކަތަކީ، ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ ޙައްޤުތައް އެންމެ ރަނގަޅަށް ހިމާޔަތްކޮށް، އަދި މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން ރައްޔިތުންނަށް ލުއިފަސޭހަ ދިރިއުޅުމެއް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިހުރި އެކިއެކި ކަންކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މީގެ އިތުރުން، ގުޅީގެ ތަރައްޤީއަށްޓަކައި ކުރިއަށް ރޭވިފައިވާ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، މާލެއަތޮޅު ގުޅިއަށް ވަޑައިގަތުމުގެ ކުރިން އެއަތޮޅު މާފުށްޓަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތުގައި މާފުށީ ރަށު ކައުންސިލުގެ މެންބަރުންނާ އެމަނިކުފާނު ބައްދަލުކުރައްވައި، އެ ރަށަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ ބެއްލެވިއެވެ.