މަތީ ތަޢުލީމު ޙާޞިލު ކުރުމަށް އެއްހާސް ފުރްޞަތު ހުޅުއްވައިލައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކަން މިރޭ އިޢުލާނު ކުރައްވައިފިއެވެ. މަތީ ޘާނަވީ އިމްތިޙާނުން 2013 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދެއްވުމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި، މި ފުރްޞަތު އިޢުލާނު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މީގެތެރެއިން 500 ފުރްޞަތަކީ، ރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ހުޅުވާލެވޭ 500 ފުރްޞަތު ކަމަށާއި، އަނެއް 500 ފުރްޞަތަކީ، ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ހުޅުވާލެވޭ ފުރްޞަތު ކަމުގައި ވިދާޅުވިއެވެ. [އެއްހާސް ފުރްޞަތުގެ ތެރޭގައި ހިމެނެނީ، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލެވޭ ސްކޮލަރޝިޕް ފުރްޞަތާއި، އަލަށް ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުންނަށް ހުޅުވާލެވޭ ފުރްޞަތާއި، ވަޒީފާގައި އުޅެމުން ކިޔަވަން އެދޭ ފަރާތްތަކަށް ހުޅުވައިލެވޭ ފުރްޞަތާއި، ރާއްޖެއިން ބޭރުގެ އެކުވެރި ޤައުމުތަކުންނާއި ޖަމާޢަތްތަކުން ހަދިޔާކުރާ ފުރްޞަތު.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަތީ ތަޢުލީމުގެ ފުރްޞަތުތައް ހުޅުވައިލާއިރު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލު ކުރުމުގެ ފުރްޞަތު ލިބިދިނުމަށް އިސްކަންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިގޮތުން ޞިއްޙީ ދާއިރާއަށް އަމާޒުކޮށްގެން، ޖެނެރަލް މެޑިސިންގެ ފުރްޞަތާއި، އެކިބަލިތަކަށް ޚާއްޞަ ޑޮކްޓަރުން އުފެއްދުމަށް ޕޯސްޓްގްރެޖުއޭޓް މެޑިސިން ހެދުމުގެ ފުރްޞަތު ހިމެނޭނެއެވެ. މީގެއިތުރުން، އިކޮނޮމިކްސް، ބޭންކިންގ، ފައިނޭންސްފަދަ ދާއިރާތައް ހިމެނޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، މަތީ ޘާނަވީ އިމްތިޙާނުގައި ބައިވެރިވި ކުދިން ޙާޞިލުކޮށްފައިވާ ޝަރަފުވެރި ނަތީޖާއަށް ބައްލަވައިލައްވަމުން، އެކުދިންނަކީ ރާއްޖޭގެ މުސްތަޤްބަލުކަން ސިފަކުރެއްވިއެވެ. އަދި އެކުދިންނަކީ އެމަނިކުފާނުގެ ތަޞައްވުރު ޙަޤީޤަތަކަށް ހަދައިދޭނެ ދަރިވަރުންކަމާމެދަކު ޝައްކުނުކުރައްވާ ކަމަށާއި އަދި އެކުދިންނަކީ މައިންބަފައިންނާއި ޢާއިލާތައް އަދި މުޅި ޤައުމު ފަޚްރުވެރިވާނޭ މުޅިން އާ ޖީލެއްގެ ބިންގާކަމަށްވާނެކަމާމެދަކު ޝައްކުނުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަހުޒީބު މުޖްތަމަޢެއް ބިނާކުރުމަށްޓަކައި އެންމެ ކުއްޖަކުވެސް ބާކީނުކޮށް، ހަމަހަމަ އުޞޫލަކުން ތަޢުލީމާއި ހުނަރު އަދި ތަމްރީނު ހޯދައިދިނުމާއި، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމު ލިބުމުގެ ފުރްޞަތު ހޯދައިދިނުމާއި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޞިނާޢަތަށް ބޭނުންވާ ފަންނީ ހުނަރު، ދިވެހި ދަރިންނަށް ހޯއްދަވައިދެއްވުމަކީ، މި ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ޘާނަވީ އިމްތިޙާނުން ރަން ވަނަތައް ޙާޞިލުކުރި ހުރިހާ ދަރިވަރުންނަށް، ޚާއްޞަކޮށް، މުޅި ދުނިޔެއިން އެކައުންޓްސްއިން 1 ވަނަ ހޯދި 7 ދަރިވަރުންނަށާއި، ރާއްޖެއިން 1 ވަނަ ހޯދި 11 ދަރިވަރުންނަށާއި، އެ ދަރިވަރުން ތަޢުލީމު ޙާޞިލުކުރި ސްކޫލްތަކުގެ ވެރިންނަށާއި، އެންމެހައި ހިންގުންތެރިންނަށާއި، ޓީޗަރުންނަށާއި، އެކުދިންގެ މައިންބަފައިންނަށާއި، ބެލެނިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި 2013 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުން 1 ވަނަ ހޯދި 11 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ލިޔުމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ ޓްރޮފީއާއި، ހަނދާނީ ލިޔުން ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި މި އިމްތިޙާނުން [އެކައުންޓް] މި މާއްދާއިން މުޅި ދުނިޔެއިން 1 ވަނަ ހޯދި 7 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި މެޑެލާއި، އިނާމާއި، ހަނދާނީ ލިޔުމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވި ޓްރޮފީއާއި ހަނދާނީ ލިޔުން ދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މަތީ ޘާނަވީ އިމްތިޙާނުން 2 ވަނަ ހޯދި 12 ދަރިވަރުންނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވި ޓްރޮފީއާއި ހަނދާނީ ލިޔުން ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ. އަދި މި އިމްތިޙާނުގެ އެކިއެކި މާއްދާތަކުން ރާއްޖެއިން 1 ވަނަ ހޯދި 16 ދަރިވަރުންނަށް ގުޅީފަޅު އިންވެސްޓްމަންޓުން ދެއްވި އިނާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވި ޓްރޮފީއާއި ހަނދާނީ ލިޔުން ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.

މި ޖަލްސާގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ވާހަކަފުޅު ދެއްކެވިއެވެ. މަތީ ޘާނަވީ އިމްތިޙާނުގެ ނަތީޖާއާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ ޢަބްދުﷲ ނަޒީރެވެ. އިނާމު ޙާޞިލުކުރި ދަރިވަރުންގެ ފަރާތުން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ދަރިވަރު މަނާލް މުޙަންމަދު މަދީޙު ވާހަކަ ދެއްކިއެވެ.