ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ކާމިޔާބީތައް ފާހަގަކުރައްވައިފިއެވެ. މިކަމަށްޓަކައި ރޭ އޮލިމްޕަހުގައި ބޭއްވެވި ރަސްމިއްޔާތުގައި، 100 ދުވަހުގެ ތެރޭގައި ހާސިލު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީން ދެއްކެވި ވާހަކަފުޅުގައި 100 ދުވަހުގެ ތެރޭގައި ހާސިލު ކުރުމަށް ކަނޑައެޅި ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ، ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ މައިގަނޑު ކަންތައްތަކާއި، 100 ދުވަހުގެ ތެރޭގައި ހާސިލު ކުރެވުނު ކަންތައްތައް ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކުރައްވާފައިވާ ފޮތް "ޤައުމު ބިނާކުރުން – ފުރަތަމަ ސަތޭކަ ދުވަސް" ރޭގެ ރަސްމިއްޔާތުގައި ނެރުން އޮތެވެ. މިފޮތް ނެރުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް، އެބޭބޭފުޅުންގެ ދާއިރާއިން ހާސިލު ކުރައްވާފައިވާ ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.