ސާކުގެ ހިންގުމަށް އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ރާއްޖެއިން ޤަބޫލުކުރާ ކަމަށާއި، އިސްލާހުގެ މަސައްކަތްތައް ސާކްގެ އެޖެންޑާގައި އޮންނަތާ އަހަރުތަކެއް ވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސާކް ކައުންސިލް އޮފް މިނިސްޓަރސްގެ 35 ވަނަ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވުމަށް މިއަދު ބަނޑޮސް އައިލެންޑް ރިޒޯޓުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން، 1997 ވަނަ އަހަރު މާލޭގައި ބޭއްވުނު ސާކް ސަމިޓުގައި، ސާކްގެ ހިންގުމަށް އިސްލާހުތަކެއް ގެނައުމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިސްނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށްޓަކައި، ސަރަޙައްދީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އެތައް ދާއިރާއަކަށް ފުޅާކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މިކަމުގެ ސަބަބުން ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން ސާކް ސެކްރެޓޭރިއަޓުން ހުށަހެޅި ހުށަހެޅުންތައް ދިވެހިރާއްޖެއިން ވަރަށް ޝައުޤުވެރިކަމާއެކީގައި ދިރާސާކޮށްފައިވާކަން ހާމަކުރައްވަމުން، ސަރަޙައްދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މެދުވެރިއަކީ ސާކުކަމަށް ހެދުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، އެއްބާރުލުން އިތުރުކުރަންޖެހޭކަމަށް ފާހަގަކުރެވުނު ދާއިރާތަކަށްދޭ ސަމާލުކަން އިތުރުކުރުމަށްވެސް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެކުނު އޭޝިޔާގެ ރައްޔިތުންގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި، ސާކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި، ސާކުގެ މެމްބަރު ޤައުމުތަކުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ސާކްގެ މެންބަރު ޤައުމުތަކަށް ގޮވާލެއްވިއެވެ. އަދި، މިވަގުތަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރަން ޖެހިފައިވާ ވަގުތު ކަމަށާއި، މިއީ ސާކުގެ ޗާޓަރުގައި ކަނޑައެޅިފައިވާ މައިގަނޑު އަމާޒުތަކަށް ޢަމަލީ ސިފަ ގެންނަންވީ ވަގުތުކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ދެކުނު އޭޝިޔާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ޤައުމީ އަދި އިޖުމާލީ ސިފައެއްގައި ސާކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސާކުގެ ތާރީޚުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ދެކުނު އޭޝިޔާއަކީ ތަރައްޤީވެފައިވާ، އަމާން، ސުލްހަވެރި އަދި ސަރަޙައްދީ އެއްބާރުލުން ވަރުގަދަ، ޖަމާޢަތަކަށް ހެއްދެވުމަށް މީގެ ތިރީހަކަށް އަހަރުކުރިން އޭރުގެ ސާކުގެ ލީޑަރުން ކުރައްވާފައިވާ ތަޞައްވުރު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ސާކު ޤައުމުތަކުގެ މެދުގައި ވަރަށް ގިނަ ބައްދަލުވުންތަކެއްވަނީ ބާއްވާފައި ކަމަށާއި، ތަރައްޤީގެ ވަރަށް ގިނަ ދާއިރާތަކަށް ސާކުގެ ދައުރު ފުޅާވެގެން ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ބައްދަލުވުންތަކުގެ ނަތީޖާއެއްގެ ގޮތުން ސާކު ޤައުމުތަކުގެ އިސްވެރިންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސާކުގެ ޤައުމުތަކުން ގުޅިގެން މިހާތަނަށް ތަފާތު ކާމިޔާބީތައް ހާސިލު ކޮށްފައި ވީނަމަވެސް، ކުރިއަށް އޮތްތާނގައި ހުރިހާ ޤައުމަކުން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސާކުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވެން އޮތީ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި، މިސަރަޙައްދުގެ ރައްޔިތުންގެ މުސްތަޤްބަލްވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރަޙައްދީ އެއްބާރުލުމުގެ މަޤްޞަދު އަދި ގެއްލިފައިނުވާ ކަމަށާއި، ސާކުގެ ބޭނުންތެރިކަމާއި ޚުތޫރަތްތެރިކަން އިހުނަށްވުރެ މާބޮޑުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސާކުގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގެ އެންމެ އަވަސް އަދި އެކަށޭނަ މަގަކީ، މެމްބަރު ޤައުމުތަކުގެ މެދުގައި އޮންނަ ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކޮށް، ވަރުގަދަކުރުންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އަދި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަކީ، މެމްބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތް އެކުވެރި ގުޅުންތައް އިތުރަށް ވަރުގަދަވެ، ވަކިވަކި ޤައުމުތަކުގެ ތަރައްޤީއަށްވެސް މަގުފަހިކުރާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސާކުގެ ރިޔާސަތު މިހާރު ބަލަހައްޓާ ޤައުމަކީ ދިވެހިރާއްޖެ ކަމަށްވާއިރު، ކުރިއަށްއޮތްތާނގައި ސާކުގެ މައިގަނޑު އަމާޒަކީ، އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުން ކަމަށް ހެދުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ސާކަށް ލިބެންޖެހޭ ޤަދަރާއި ބާރުވެރިކަން ހޯދުމަށްޓަކައި ވަކާލާތުކޮށް، ސާކުގެ އެއްބައިވަންތަކަން މުޅި ދުނިޔެއަށް ދެއްކުމުގެ ވަގުތު އައިސް ޖެހިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި މިސަރަޙައްދާއި ދުނިޔޭގެ އެހެނިހެން ހިސާބުތަކަށް ކުރިމަތިވެފައިވާ ހައްސާސް މައްސަލަތައް ޙައްލުކުރުމުގައި ހުރިހާ މެންބަރު ޤައުމަކުން މިހާރަށްވުރެބޮޑަށް އެއްގަލަކަށް އެރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ދިވެހިރާއްޖެއަކީ ދެކުނު އޭޝިޔާގެ އެންމެ ކުޑަ ޤައުމުކަމަށް ވިޔަސް، ސާކު ޤައުމުތަކުގެ މެދުގައި ސަރަޙައްދީ އެއްބާރުލުން އިތުރަށް ވަރުގަދަ ކުރުމުގައި ދިވެހިރާއްޖޭގެ ދައުރު ނުހަނު ބޮޑުކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.