ރައްޔިތުންނަށް ނިކަމެތިކަން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބައްޓަންވެގެން ނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ސަރުކާރުން ފެށްޓެވި ގެދޮރުވެރިކުރުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރެއްވުމަށް، ރޭ އިސްލާމީ މަރްކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ގެދޮރު އެޅުމުގެ ވަޢުދަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަން ފާހަގަކުރައްވަމުން، ގެދޮރުވެރިކުރުމުގެ މައްސަލައަކީ، ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކުގެ މައިގަނޑު އަސާސް ކަމަށް، ވަރަށްގިނަ ބަޔަކު ގަބޫލުކުރާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ބިނާވެފައިވަނީ، ދެމެހެއްޓެނިވި ސިޔާސަތެއްގެ މައްޗަށް ކަމަށާއި، އެހެންކަމުން، އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ގެނެވޭ ތަރައްޤީ ވެގެންދާނީ، ދެމެހެއްޓެނިވި ސިޔާސަތަކަށް ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް، ވީހާވެސް ކުޑަކުރެވޭގޮތަކަށް، މި ސިޔާސަތު ކުރިއަށް ގެންދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގައި ގެދޮރުވެރިކުރުމުގެ މަޝްރޫޢުތައް ފެށިގެން މިއަދާ ހަމައަށް އައިއިރު، ރައްޔިތުންގެ ތެރެއިން އެންމެ ނިކަމެތި ޢާއިލާތަކުގެ ޙާލަތު ވަޒަންކޮށް، އެ ޢާއިލާތަކަށް ޚާއްޞަ މާކްސްތަކެއްދީގެން، ގެދޮރު ދިނުމުގެ މަޝްރޫޢު ގެންދެވިފައިނުވާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު މި ފެށްޓެވި ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ ތެރެއިން އެފަދަ ޢާއިލާތައް އިރާދަކުރެއްވިއްޔާ، ގެދޮރުވެރިކުރެވި، އެކަމަށް ޙައްލެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން ފަށްޓަވާފައިވާ މުހިންމު ސިޔާސަތުގެ ތެރެއިން އެއްވެސް ހާލެއްގައި ދައުލަތަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ޢަމަލެއް ނުހިނގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ގެދޮރުވެރިކުރުމުގެ ސިޔާސަތު ކުރިއަށް ގެންދާނީ، ސަރުކާރުން އެކަމަށް ޒިންމާވާގޮތަށެވެ. އަދި ދައުލަތުގެ ބަޖެޓުން އެކަމަށް ޒިންމާވާގޮތަށެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މި މަޝްރޫޢުގެ ތެރެއިން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢު ކުރިއަށް ގެންދަވާއިރު، ރާއްޖޭގެ އެއްވެސް ރައްޔިތެއްގެ ސިޔާސީ ވިސްނުމާއި ފިކުރުގެ މައްޗަށް ބިނާކުރައްވައި، އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.