ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ޔޫ.އެން.ޑީ.ޕީ ގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ، އަދި ޑިރެކްޓަރ އޮފް ރީޖަނަލް ބިޔުރޯ ފޮރ އޭޝިޔާ އެންޑް ދަ ޕެސިފިކް، މިސްޓަރ ހައުލިންގ ޒޫ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ޔޫ.އެން.ޑީ.ޕީ އިން ރާއްޖޭގައި ހިންގުމަށް ރާވާފައިވާ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތެއް ދެއްވާ ދާއިރާތަކާ ގުޅޭ މަޝްރޫޢުތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާ ދާއިރާތަކަށް ސަމާލުކަންދީގެން މަޝްރޫޢުތައް ރޭވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ޒުވާނުން ބާރުވެރި ކުރުވުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި ވިދާޅުވެ، މިދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

ޔޫ.އެން.ޑީ.ޕީ ގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ސާފު ބޯފެނުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، އެ ޖަމްޢިއްޔާއިން ރާއްވަވާފައިވާ މަޝްރޫޢާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓެރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.