ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މައްކާގެ ޙަރަމްފުޅުގެ އިމާމު ޑޮކްޓަރ ޢަބްދުއްރަޙްމާން އަލް ސުދައިސާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މިއޮތް ދީނީ އެއްބައިވަންތަކަމާއި، ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމެއް ކަމަށާއި، ޢަރަބި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރައްވައި، ގުޅުން ވަރުގަދަ ކުރެއްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ މުހިންމު ބައެއް ކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް، ޑޮކްޓަރ ސުދައިސަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދަޢުވަތު އެރުވިއެވެ. އަދި ވަގުތު ހޯއްދަވައިގެން މިދަތުރުފުޅު ކުރައްވާނެ ކަމުގައި ޙަރަމްފުޅުގެ އިމާމު ޑޮކްޓަރ ސުދައިސް ވިދާޅުވިއެވެ.