އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގައި އެހީތެރިވެދިނުމަށް، ކުވޭތު ސަރުކާރު ތައްޔާރަށް އޮތްކަމަށް ކުވޭތުގެ އަމީރު ޝައިޚް ޞަބާޙް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙް ވިދާޅުވެއްޖެއެވެ. ކުވޭތުގެ އަމީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުވޭތުގެ އަމީރާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ މައި އެއަރޕޯޓު ތަރައްޤީ ކުރުމުގައި ކުވޭތުގެ ޚާއްޞަ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ކުވޭތުގެ އަމީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުން އެހީތެރިވެ ދިނުމުގައި ކުވޭތު އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ހުށަހަޅާ މަޝްރޫޢުތަކަށް ޚާއްޞަ ނަޒަރަކުން ބައްލަވައި، ކުވޭތު ފަންޑާ ވާހަކަ ދައްކައި މަޝްވަރާ ކޮށްގެން، ވެދެއްވެން އޮތް މަތީ ދަރަޖައަކަށް އެހީތެރިކަން ވެދެއްވާނެ ކަމުގެ ޔަޤީންކަން އަމީރު ދެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ތަރައްޤީއަށްޓަކައި ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި އެހީތެރިވެދެއްވާނެ ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.
ކުވޭތުގެ އަމީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ކުވޭތާ ދެ ޤައުމުގެ ދެމެދުގައި އަބަދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވެ، ކުވޭތަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި ރާއްޖެއިން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށާއި ދިވެހި ސަރުކާރަށް އަމީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށާއި އެމަނިކުފާނުގެ ސަރުކާރަށް އަމީރު ތަހުނިޔާ ވިދާޅުވިއެވެ.