ރާއްޖޭގެ ޒުވާނުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި، އިސްލާމީ ވަހުދަތު ވަރުގަދަ ކުރުމަށާއި، އަދި މި ރޮނގުން ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދަށް ޤަޠަރުގެ އިންޓަރފެއިތު ޑައިލޮގް ސެންޓަރުގެ ޗެއަރމަން ޕްރޮފެސަރ އިބްރާހީމް ޞާލިޙް އަލް-ނަޢީމީ ދެއްވައިފިއެވެ. މި ޔަޤީންކަން އޭނާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޤަޠަރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

ޗެއަރމަން ޕްރޮފެސަރ އިބްރާހީމް ޞާލިޙް އަލް-ނަޢީމީގެ ވާހަކަފުޅުގައި، ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ޤާއިމުކުރުމުގެ މަސައްކަތަށް، އެ ސެންޓަރުގެ ފަރާތުން ޚާއްޞަ ސަމާލުކަމެއް ދީގެން، އެކަން އަވަސް ކުރުމަށް އެހީތެރިވެދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.