ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަޢުވަތަކަށް، ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދިވެހި ސަރުކާރާއި ސްރީލަންކާ ސަރުކާރާ ދެމެދު ވަރަށް މުހިންމު ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވުން އޮތީ، ދެޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށް ފަހުގައެވެ. މިގޮތުން، ސޮއިކުރެއްވުނު އެއްބަސްވުންތައް މިދަންނަވަނީއެވެ.

1. ޓްރާންސްނޭޝަނަލް ކުށްތައް ހުއްޓުވައި، ފުލުހުންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން

މި އެއްބަސްވުމުގައި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އެން.ކޭ. އިއްލަންގަކޫންއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް ޙުޞައިން ވަހީދެވެ.

2. ޒުވާނުން ތަރައްޤީކޮށް ތަމްރީނުކުރުމުގައި އެއްބާރުލުން ހޯދައި، ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން

މި އެއްބަސްވުމުގައި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޔޫތް އެފެއާޒް އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑަލަސް އަލަހައްޕެރުމާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒު ދުންޔާ މައުމޫނެވެ.

3. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން

މި އެއްބަސްވުމުގައި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޕޯޓްސް މަހިންދަނަންދަ އަލުތުގަމަގެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފެވެ.