ސަރުކާރުން ހުށަހަޅާފައިވާ ސިޔާސަތުތައް ކުރިއަށް ގެންދިޔުމަށް ފުރުޞަތުތަކެއްދީ، ކިތަންމެ ޚިޔާލު ތަފާތުވީނަމަވެސް، އެކީގައި މަސައްކަތްކުރުމުގެ ރޫޙު އިސްކުރުމަށް ސަރުކާރުގެ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުންނަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙުމަދު މިރޭ އިލްތިމާސްކުރައްވައިފިއެވެ. ނައިބު ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ، އެމަނިކުފާނު މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުވައްމުލަކުގައި ހިނގަމުންދާ ސަރުކާރުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމަށްޓަކައި ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޚިޔާލުތަފާތުވުމަކީ، މައްސަލައެއް ނޫން ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ހުރިހާ މުވައްޒަފުންނާއެކީގައި މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް ގެންދިޔުމުގެ އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންނަކީ، ސަރުކާރުގެ މުވައްޒަފުންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި އަދި އެ ސިޔާސަތުތަކަކީ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް އޭގެ ސަބަބުން މަންފާ ލިބިދޭނެ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި ރާއްޖޭގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުގެ ޢިމާރާތްތަކާއި، ވަސީލަތްތައް ތަރައްޤީވެގެންދާއިރު އެންމެބޮޑު އެއްކަމަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ތިބޭ މުވައްޒަފުން، ހީވާގިކަމާއެކީގައި އެ ޚިދުމަތްތައް ފޯރުވައިދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޢަޒުމަކީ، ސަރުކާރުގެ މުއައްސަސާތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޙައްޤުތަކަށް ފާރަވެރިވެ، ހުރިހާ މުވައްޒަފުންނާއެކީގައި މަސައްކަތްކުރުން ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖެއަށް އިޖުތިމާޢީ ގޮތުން މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ޞިއްޙީ ދާއިރާއަށާއި، ތަޢުލީމީ ދާއިރާއަށާއި، މަސައްކަތުގެ ދާއިރާއަށް ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ތަޢުލީމީ ނިޒާމަކީ، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީގޮތުން ރާއްޖެ ބަދަލުވަމުންދާ ދިޔުމަށްޓަކައި، ކުދިން ތައްޔާރުކުރާ ނިޒާމަކަށް ހަދަންޖެހޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަދު މިވަނީ ރާއްޖޭގެ ވަޒީފާގެ ދާއިރާ ފުޅާވެ، ކުރާ މަސައްކަތް ވަރަށް ބޮޑަށް ތަފާތުވެފައި ކަމަށާއި، ފަތުރުވެރިކަމާއި މަސްވެރިކަންފަދަ ޒަމާންވީ މަސައްކަތްތައްވެސް މިއަދު ރާއްޖޭގައި ކުރަނީ އިހުކުރި ގޮތާ މުޅިން ޚިލާފަށް، މާ ފުޅާ ދާއިރާއެއްގައި ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ބަދަލުވަމުންދާ މާޙައުލަށް ބެލެނިވެރިންނާއި ދަރިވަރުން ތައްޔާރުކުރުމަށްޓަކައި، ތަޢުލީމީ ނިޒާމު ބައްޓަންކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވައިލެއްވިއެވެ.

ފުވައްމުލަކުގައި ހިނގަމުންދާ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިރޭ ވަނީ ބައްދަލުކުރައްވާފައެވެ.