ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ހަކަތައަކީ ތަޢުލީމުކަންް ދެނެގަނެ، ތަޢުލީމީ ގޮތުން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަަތު ފަހިކޮށްދީ، އަދި ރާއްޖޭގެ އެކި މަސައްކަތްތަކަށް ބޭނުންވާ ވަރަށް މީހުން ބިނާކުރެއްވުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކުރެއްވުމަށްފަހު، އެ ޔުނިވަރސިޓީގެ ޗާންސެލަރާއި، ވައިސް ޗާންސެލަރާއި، ޔުނިވަރސިޓީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ވަރަށް މީހުން އުފެއްދުމަކީ، ކޮންމެހެން ކުރަންޖެހޭ މުހިންމުކަމެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދީ، އެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒުވާނުންނަކީ ޤައުމު ބިނާކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށާއި، ޢާާއިލާތަކަށް ފައިދާހުރި ގޮތެއްގައި ޒުވާނުން ބިނާކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ. މިގޮތުން، ސަރުކާރުގެ އުންމީދަކީ، ޑިގްރީ އަދި ޑިޕްލޮމާ ފަދަ ކޯސްތަކުގެ އިތުރުން، އޯފްޝޯރ ފައިނޭންސިންގ، މެނެޖީރިއަލް އިކޮނޮޮމިކްސް، ބޭންކިންގ، އެކައުންޓިންގ، އޮޑިޓިންގ، އަދި ޓުއަރިޒަމް ފަދަ ރަނގަޅު އާމްދަނީ ލިބޭ ދާއިރާތަކުން، އަޅުގަނޑުމެންގެ ޒުވާނުންނަށް ފަހިވާގޮތަށް ކުރު ކޯސްތަކެއް ބައްޓަންކުރެވިގެން ދިޔުންކަމުގައި ވިދާޅުވިއެވެ.

މީގެއިތުރަށް، ޔުނިވަރސިޓީއަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދެއްވުމަށްޓަކައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.