އިންޑިޔާގެ އިސް ބައެއް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުންތައް އޮތީ، ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ހޮޓެލްގައި މިއަދު މެންދުރުފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފުރަތަމަ ޒިޔާރަތް ކުރެއްވީ، އިންޑިޔާގެ މިނިސްޓަރ އޮފް ޑިފެންސް އޭ.ކޭ އެންތަނީއެވެ. މިބައްދަލުކުރެއްވުމުގައި އޭ.ކޭ އެންތަނީ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ، އިންޑިޔާއަށް ވަޑައިގަތުމަށް ނިންމެވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން، މިގުޅުން ބަދަހިކުރެއްވުމަށް ރައީސް މައުމޫންގެ ޒަޢާމަތުގައި އެޅިފައިވާ ހަރުދަނާ ބިންގާ ފާހަގަކުރެއްވިއެވެ. ޑިފެންސްގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައިވާ ގުޅުން، މިދިޔަ ދުވަސްތަކުގެ ތެރޭގައި، ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށާއި، ރާއްޖޭގެ ޑިފެންސް މިނިސްޓަރ ދާދިފަހުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީވެސް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމުގައި އިންޑިޔާގެ ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޑިފެންސްގެ ދާއިރާއަށް އިންޑިޔާ ސަރުކާރުން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އަދި މިދާއިރާ ތަރައްޤީ ކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ޑިފެންސް މިނިސްޓަރަށާއި، އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސަރަޙައްދީ މައްސަލަތަކުގައި، ދެޤައުމުން ޙިއްޞާކުރަނީ، ވަރަށް އެއްގޮތް ކަންތައްތަކެއް ކަމަށް ވިދާޅުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖެއިން ވަރަށް މުހިންމު އަހަންމިއްޔަތު ކަމެއްދޭ ދާއިރާއެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތް ކުރެއްވި އަނެއް ބޭފުޅަކީ، އިންޑިޔާގެ ނައިބު ރައީސް މުޙަންމަދު ޙާމިދު އަންސާރީއެވެ. އިންޑިޔާގެ ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި، އެމަނިކުފާނުގެ އަރިހުގައި ގެންނެވި ވަފްދުގެ ބޭފުޅުންނަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަންނަ އަހަރަކީ އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުވިތާ 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވަމުން، މިދިޔަ އަހަރުތަކުގެ ތެރޭގައި، ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ތަރައްޤީވެފައިވާކަން ފާހަގަކުރައްވައި، ގުޅުން ބަދަހިވެގެންދިޔަ މުހިންމު ދާއިރާތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މި އިންތިޚާބަކީ ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރެވެމުންދާކަމުގެ ރަމްޒެއް ކަމުގައި ވިދާޅުވިއެވެ.

އިންޑިޔާގެ އިދިކޮޅު ޕާޓީގެ ލީޑަރ ސުޝްމާ ޝުވަރާޖްވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ސުޝްމާ ސުވަރާޖް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރެއްވުމަށް އިންޑިޔާއިންދޭ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވެސް އިންޑިޔާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ޚާއްޞަ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.