ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި މިއަދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. މިއަދު މެންދުރު ހައިދަރުއާބާދު ހައުސްގައި އޮތް ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސް ވެރިޔަކަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އިންޑިޔާގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމުގެ ތަފުސީލު ދެއްވިއެވެ. މިގޮތުން، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވުމާއި، މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ސްކޮލަރޝިޕް ލިބޭނޭ މަގުފަހިކޮށްދެއްވުމާއި، ޤައުމުގެ އިޤްތިޞާދީ ބިންގާ އިތުރަށް ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ އާ ބާބެއްގެ ފެށުމަކަށް އެމަނިކުފާނުގެ މިދަތުރުފުޅު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެއްވެން އޮތް ތާއީދަކާއި އެއްބާރުލެއްވުމެއް ދިވެހި ސަރުކާރުން އިންޑިޔާއަށް ދެއްވާނެކަމުގެ ޔަޤީންކަންވެސް ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި އިންޑިޔާގެ ބޮޑުވަޒީރު ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމަކީ ވަރަށް ޒަމާންވީ، ވަރަށް ޚާއްޞަ ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދެކުނު އޭޝިޔާ ސަރަޙައްދުގެ ސަލާމަތަށާއި އަމާންކަމަށް ދެ ޤައުމުން ދޭ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ޔާމީނަށް މަރުޙަބާ ވިދާޅުވަމުން، އިންޑިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބަށްފަހު އަމާންކަމާއި އޮމާންކަމާއެކު ވެރިކަން ބަދަލުވެގެންދިޔަ ދިޔުމާއި، ރާއްޖޭގައި ޑެމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ރާއްޖެއިން އަމިއްލައަށް ޙައްލުކުރެވޭނެކަމުގެ ޔަޤީންކަން އިންޑިޔާއަށް އެބައޮތް ކަމަށް ވިދާޅުވެ، ރައީސް ޔާމީނުގެ އިޤްތިޞާދީ ސިޔާސަތަށް ބޮޑުވަޒީރު މަރުޙަބާ ވިދާޅުވިއެވެ.

ރަސްމީ ވާހަކަފުޅުތަކަށްފަހު ދެ ޤައުމުގެ ގުޅިފައިވާ ރަސްމީ ބަޔާން ނެރުއްވިއެވެ. ރަސްމީ ވާހަކަފުޅުތައް ފެށްޓެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ވަކިން ބައްދަލުކޮށްލެއްވިއެވެ.