ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި ތިން އެއްބަސްވުމަކީ، ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމަކާއި، އައި.ޖީ.އެމް.އެޗް.ގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާބެހޭ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާގުޅޭ އެއްބަސްވުމަކާއި، އިންޑިޔާގައި ދިވެހިރާއްޖޭގެ ހައިކޮމިޝަން އެޅުމަށް ބިންދޫކުރުމާބެހޭ އެއްބަސްވުމެކެވެ.

މި ތިން އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، އިންޑިޔާއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ވަރަށް ދީލަތި އެހީތަކެއް ވެދީފައިވާ ޤައުމެއް ކަމަށް ވިދާޅުވިއެވެ. އަދި ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއިން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތް ކޮށްދެއްވުމަށްޓަކައި އިންޑިޔާ ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކާއި، ސުނާމީ ކާރިޘާއާ ގުޅިގެން ވެދެއްވި އެހީތައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، މިލިޓަރީ ދާއިރާއިންނާއި، އަދި އެނޫން އެހެން ދާއިރާތަކުން އިންޑިޔާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. އަދި، ތަރައްޤީގެ ކޮންމެ ދާއިރާއެއްގައިވެސް ރާއްޖެއަށް އެހީވެދިނުމަށް އިންޑިޔާ އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާއަށް މި ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި، އިންޑިޔާއަށް ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅެއް މިކުރެއްވީ ރާއްޖޭގެ ރައްޔިތުން ދަތިތަކެއް ތަޙައްމުލް ކުރަންޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށް ވިދާޅުވެ، ޚާއްޞަކޮށް ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތް ގޮތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން ދަޢުވަތު އަރުވަމުންނެވެ.

ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް ދެއްކެވި ވާހަކަފުޅުގައި، މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. ޚާއްޞަކޮށް މި ސަރަޙައްދުގެ އަމަންއަމާންކަމާއި ރައްކާތެރިކަމާއި، ކަނޑުގެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މުހިންމުކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އިންޑިޔާއިން ރާއްޖެއަށް އެހީތެރިވެދޭނެ ކަމަށާއި، ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިންނާއި ޞިއްޙީ ދާއިރާއިން އިތުރު އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.