ސަރުކާރުން ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ފަށްޓަވާއިރު، އެހެން ޤައުމުތަކެކޭ އެއްގޮތަށް، އިންޑިޔާގެ ބޮޑެތި އިންވެސްޓަރުންނަށްވެސް ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އިންވެސްޓް ކުރުމުގެ ފުރްޞަތު އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަރިހަށް މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ސަލްމާން ޚޫރުޝީދު މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ހޮޓެލްގައި މިއަދު 11 ޖެހިއިރު އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އިންޑިޔާ ސަރުކާރުން ދެއްވާފައިވާ އެހީތެރިކަމާއި، ވަކިން ޚާއްޞަކޮށް، ސިފައިންނާއި ފުލުހުން ތަމްރީނު ކުރުމާއި، އެ ދެމުއައްސަސާގެ ފެންވަރު ރަނގަޅު ކުރުމަށް ދެއްވާފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި މިސަރަޙައްދުގެ ޞުލްޙައަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އިންޑިޔާއަށް އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އިންޑިޔާއަކީ ސާކް ސަރަޙައްދުގައި އެންމެ މުހިންމު، އެންމެ ވަރުގަދަ އެއް ޤައުމު ކަމަށްވުމާއެކު، ސާކް ކުރިއެރުވުމުގައި އިންޑިޔާގެ ލީޑަރޝިޕް ވަރަށް މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިންޑިޔާއަކީ އަބަދުވެސް ރާއްޖެއަށް ވަރަށް ޚާއްޞަ ގޮތެއް ބަހައްޓާ ގާތް ރަޙްމަތްތެރި ޤައުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ މިދަތުރުފުޅުގެ ތެރޭގައި ނިމިގެންދާ ކަންކަމަކީ އަދި ލިބޭ ބޮޑެތި ކުރިއެރުންތަކަކީ، ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއްކަން ފާހަގަކުރައްވައި، ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ވިސާގެ މައްސަލައިގައި ދިމާވާ ދަތިތައް ފިލުވައިދިނުމާއި، އަދި ރާއްޖެއަށް ދިމާވެފައި އޮތް ހަކަތައިގެ މައްސަލައަށް ކޮންމެވެސްވަރެއްގެ ލުޔެއް ދެއްވުންފަދަ ކަންކަމަކީ، އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން، އާ އުސްމިންތަކަކަށްދާކަން ހާމަވެގެންދާ ކަންކަން ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ސަލްމާން ޚޫރުޝީދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އިންޑިޔާއަކީ ޑިމޮކްރަސީގެ ޕާޓްނަރުން ކަމަށާއި، އަދި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ވެވަޑައިގެންނެވި އެންމެ ފުޅާމިނެއްގައި ބަދަހިކޮށް ކުރިއަރުވަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ރާއްޖެއިން ބޭނުންވާ ކަންތައްތަކާއި އަދި ރާއްޖެއިން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި އެހީތެރިވެދެއްވުމަށް ތައްޔާރަށް ތިއްބެވިކަންވެސް އެކްސްޓަރނަލް މިނިސްޓަރ ހާމަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް މިކުރެއްވީ އިންޑިޔާއަށްކަން ފާހަގަކުރައްވަމުން، އެއީ އިންޑިޔާގެ ރައްޔިތުންނަށާއި، ވިޔަފާރިވެރިންނަށްވެސް ދެއްވި ވަރަށް ވަރުގަދަ މެސެޖަކާއި ޔަޤީންކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމެއް ކަމުގައިވެސް އެކްސްޓަރނަލް މިނިސްޓަރ ވިދާޅުވިއެވެ. ރައީސް މައުމޫންގެ ދައުރުގައި، އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިވެފައިވަނީ، ދެޤައުމުގެ ދެމެދުގައި ވަރަށްބޮޑު އިތުބާރެއް ޤާއިމުވެގެންދާފަދަ ގޮތަކަށް ކަމަށް ވިދާޅުވެ، އެގޮތަށް މިހާރުވެސް ދެޤައުމުގެ ގުޅުން ކުރިއަށް ގެންދެވުމަށް އެކްސްޓަރނަލް މިނިސްޓަރ ބާރުއެޅުއްވިއެވެ.

އެކްސްޓަރނަލް މިނިސްޓަރ ސަލްމާން ޚޫރުޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގައި މިބޭއްވުނު އިންތިޚާބަކީ، ދިވެހި ރައްޔިތުން ބޭނުންވިގޮތަށް ނިމިގެންދިޔަ އިންތިޚާބެއް ކަމަށް ވިދާޅުވެ، އެއީ ވަރަށްބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި، ރައީސް ޔާމީނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ހަމައެޔާއެކީގައި، އެއީ ޑިމޮކްރަސީ ފައްކާވަމުން އަންނަކަމުގެ ސާބިތު ހެތްކެއް ކަމަށްވެސް ވިދާޅުވިއެވެ.

ސަލްމާން ޚޫރުޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބަށްފަހު މިއައި ފިނިކަމަކީ، ހުރިހާ ފަރާތްތަކުންވެސް ޚާއްޞަ ގޮތެއްގައި ފާހަގަކުރާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އެއީ ރާއްޖެއަށް އިތުރު އިންވެސްޓަރުން އައުމަށާއި، ރާއްޖެއަށް އަންނަ ފަރާތްތަކަށް ރާއްޖެ އައުމަށް ޝައުޤުވެރިވުމަށް ވަރަށް ބޮޑަށް އެހީވެދޭ ކަންތައްތައް ކަމަށާއި، އޭގެ އަޞްލަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަގޮތަށް ކަންތައްތައް ގެންދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.