ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމަށް އިންޑިޔާ ސަރުކާރުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، އިންޑިޔާގެ ރައީސާގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި މިއަދު ހެނދުނު 10 ޖެހިއިރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން، އެދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީ އާއި، ބޮޑުވަޒީރު މަންމޯހަން ސިންހެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑަޔަސްއަށް އަރާވަޑައިގަތުމުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

އެއަށްފަހު އިންޑިޔާ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އިންޑިޔާގެ ރައީސަށް ތަޢާރުފުކޮށް އެރުވުންވެސް އޮތެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށާއި، މި ދަތުރުފުޅުގައި އިންޑިޔާއަށް ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން، ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ ވަރަށް ރަޙުމަތްތެރި ގުޅުމެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނުތާ 50 އަހަރު ފުރޭކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން އިންޑިޔާގެ އިތުރު އިންވެސްޓަރުން ރާއްޖެއަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާޝްތުރަޕަތީ ބަވަނުގައި އޮތް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާނދީގެ މަޤްބަރާ ރާޖްގަޓަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގެން، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.