ދިވެހި ޤައުމިއްޔަތު މިއަދު އާލާކުރެވޭނީ، ދިވެހިންގެ އިޖްތިމާޢީ ޙާލަތު ބަދަލުކޮށްގެން އަދި އެންމެންނަށްވެސް ޞުލްޙަވެރިކަމާއެކު، އިޖްތިމާޢީ ހަމަޖެހުމެއްގެ ތެރޭގައި އުޅެވޭނެ މާޙައުލެއް ޤާއިމްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިންތިޒާމް ކުރައްވައިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޚާއްޞަ އިޙްތިފާލުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކަންކަން ކުރުމަށްޓަކައި މިއަދު އެންމެހާ ފަރާތްތަކުން ގުޅެން އެބަޖެހޭ ކަމަށާއި، އެކަމަށް އެފަރާތްތަކުން ޖާގަދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޤައުމިއްޔަތު ދެމިއޮންނާނީ، ފުދުންތެރިކަމާއި، އިޖްތިމާޢީ ގޮތުން ޢަދުލުވެރި މާޙައުލެއް ޤާއިމްވެގެން ކަމުގައި ވިދާޅުވިއެވެ. އަދި ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެ، ޞިއްޙަތާއި ތަޢުލީމީ ގޮތުން ކުރާ އުންމީދުތައް މިއަދު ޙަޤީޤަތަކަށް ހަދައިގެން ނޫނީ، ޤައުމިއްޔަތުގެ ޙަޤީޤީ ފޮނިމީރުކަން ނުލިބޭނެ ކަމަށާއި، މިއަދު ޤައުމިއްޔަތު ލާމެހިފައިވަނީ މިކަންތައްތައް ޙާޞިލު ކުރުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ބަޠަލު ބޮޑުތަކުރުފާނު ދިވެހި ޤައުމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް ބައްލަވައިލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ބޮޑުތަކުރުފާނު މަސައްޕުޅު ކުރެއްވީ، ރާއްޖޭގެ ރައްޔިތުންގެ ޙާލަތު ބަދަލުކުރެއްވުމަށެވެ. ރައްޔިތުންގެ އުދާސްތައް ނިމުމަކަށް ގެންނެވުމަށެވެ. ރައްޔިތުންގެ ތެރޭގައި ހަމަޖެހުމާއި ޢަދާލަތު ޤާއިމު ކުރެއްވުމަށެވެ. ރައްޔިތުން އެންމެ ބޭނުންވާގޮތަށް މުޖްތަމަޢުގެ އޮނިގަނޑު ޤާއިމްކުރެއްވުމަށެވެ. އެކަން ބޮޑުތަކުރުފާނު ކާމިޔާބު ކުރެއްވީ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޤައުމިއްޔަތުގެ ލާމަސީލު ނަމޫނާ ދިވެހި ރައްޔިތުންނަށް ދައްކަވައިގެންނެވެ.

[މިއަދު މި ޤައުމުގެ ޤައުމިއްޔަތަށް ލޯބިކުރާނަމަ، ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކެއް ނުކުރާނެ. ޤައުމުގެ އިޤްތިޞާދީ ބާރު އެހެން ބައެއްގެ މައްޗަށް ދޫކޮށެއްނުލާނެ. ޤައުމުގެ އަބުރާއި ކަރާމާތަށް ބެލުމެއްނެތި، ސިޔާސީ މަންފާއަށްޓަކައި ޤައުމުގެ ޝަޚުޞިއްޔަތު އެހެން ޤައުމުތަކުގައި ވިއްކައެއްނުލާނެ. ޤައުމިއްޔަތަށް ބެލުމެއްނެތި، ކޮންމެ ކަމެއް ވަރިހަމަނުކުރާނެ. ޤައުމުގެ ކަންކަމުގައި އަމިއްލަ ބަސް ނުބުނެވޭ ހިސާބަށް ކަންތައްތައް ދޫކޮށެއްނުލާނެ. ޤައުމިއްޔަތަކީ އަމިއްލަ ބަސް ބުނުމާއި، އަމިއްލައަށް ޤައުމުގެ ކަންކަން ނިންމުމުގެ ބާރު ހިފެހެއްޓުން. މިއަދު ދިވެހި ޤައުމު ދަހިވެތިވާންވީ ޤައުމުގެ އަބުރު ހިފެހެއްޓުމަށް. އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް. އަދި އެއްވެސް ހާލެއްގައި އޮޅުވާލުމެއްގައިވިޔަސް، ޤައުމުގެ ޝަޚުޞިއްޔަތު ދޫކޮށްނުލުމަށް.] ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދެއްވުމަށާއި، ލުއިފަސޭހަކަމާއެކީ ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.