ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި، އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް މިއަދު މެންދުރުފަހު ވަޑައިގެންފިއެވެ.

ނިއުދިއްލީގެ ވައިގެ ބަނދަރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް މިސްޓަރ އީ. އަޙްމަދާއި، އިންޑިޔާގެ ފޮރިން ސެކްރެޓެރީ ސުޖާތާ ސިންހްއާއި، ޖޮއިންޓް ސެކްރެޓެރީ ހަރުޝްވަރުދަން ޝްރިންގްލާއާއި، އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ މުޙަންމަދު ނަޞީރާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ މަރްޔަމް ނަޝީދާއާއި، ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިސްބޭފުޅުންނާއި، އިންޑިޔާގެ ޕްރޮޓޮކޯލްގެ އިސްބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، އިންޑިޔާއަށް ކުރައްވާ މި ދަތުރުފުޅަކީ، އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިންޑިޔާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮންނާނީ، އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.