އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، އިންޑިޔާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މިއަދުން ފެށިގެން މިއަދުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީ އާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްއާ ބައްދަލު ކުރައްވާނެއެވެ. އަދި، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި އިންޑިޔާގެ ރައީސް ބާއްވަވާ ރަސްމީ ޖާފަތެއްވެސް އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނިއުދިއްލީއަށް ފުރާވަޑައިގަތީ، މި ދަތުރުފުޅަށް އިންޑިޔާ ސަރުކާރުން ހަމަޖައްސަވައިދެއްވި ޚާއްޞަ މަތިންދާ ބޯޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަޙްމަދު ސިޔާމް މުޙަންމަދު، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ ޑޮކްޓަރ މަރްޔަމް ޝަކީލާއާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު ޣައްސާން މައުމޫނާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދުވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ގެންދެވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުގެ ރިޕޯޓަރުންނާއި، ނޫސްވެރިންވެސް ގެންދެވިއެވެ.