ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ސާކް ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު ސަލީމް، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ސާކް ސެކްރެޓޭރިއަޓްގެ މަސައްކަތްތައް ކުރިއަށްދާގޮތާއި، ސާކްގެ އެހެނިހެން ޙަރަކާތްތަކާބެހޭ މަޢުލޫމާތު، ސާކް ސެކްރެޓަރީ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ސާކުގެ ޙަރަކާތްތައް ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކްގެ ފައުންޑަރ މެމްބަރެއްގެ ޙައިސިއްޔަތުން، ސާކަކީ ދިވެހިރާއްޖެއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއް ޖަމާޢަތް ކަމުގައި ވިދާޅުވިއެވެ. އަދި ސާކު ކުރިއެރުވުމަށްޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި، އިޤްތިޞާދީ އަދި ސިޔާސީގޮތުން މިހާރަށްވުރެ ހަރުދަނާ ދައުރެއް އަދާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، ސާކުގެ ކަންތައްތަކުގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުން ކަމުގައިވާ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، އަލްފާޟިލް ޢަބްދުﷲ އަމީނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް ޙަސަން ޝިފާއު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސާކް ސެކްރެޓޭރިއަޓަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޒުހުރީވެސް ބައިވެރިވެވަޑައިގަތެވެ.