ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ނޮބްހީޓޯ ހޯބޯ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، އިތުރު ދާއިރާތަކުގައި މިގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިގޮތުން، އިޢާާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިންނާއ،ި އިޤްތިޞާދު ހަރުދަނާ ކުރުމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ ވަރަށް ގާތް އެކުވެރި ޤައުމެއްކަން ބަޔާންކުރައްވަމުން، މުސްތަޤްބަލުގައި މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޖަޕާނަކީ އެންމެ ބޮޑު އެހީއެއް ރާއްޖެއަށް ދެމުން ގެންދާ އެއްޤައުމުކަން ފާހަގަކުރައްވައި، ރާއްޖޭގެ ކުރިއެރުވުމާއި ތަރައްޤީއަށްޓަކައި ދެއްވަވާ މިފަދަ ދީލަތި އެހީތަކަށްޓަކައި ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ބޭނުންވާ ކަންކަމުގައި ޖަޕާނުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.