ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ނޮބުހިޓޯ ހޯބޯ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް، ޖަޕާން ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށްޓަކައި ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޖަޕާނާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި، ދޭދޭ ގުޅުންތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ.