ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޖޮންގމޫން ޗޮއި މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ދެކުނު ކޮރެއާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތާނގައި މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ބައްލަވައިލެއްވިއެވެ. ވަކިން ޚާއްޞަކޮށް ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، މީހުން ބިނާކުރުމުގެ ދާއިރާގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ސަފީރަށް ހާމަކޮށްދެއްވިއެވެ. އަދި، ރާއްޖޭގައި ހުރި ބައެއް އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ބެހޭގޮތުން ސަފީރަށް މަޢުލޫމާތު ދެއްވިއެވެ.

ކޮރެއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު ނިމިގެންދިޔައީތީ އެކަން ފާހަގަކުރެއްވިއެވެ. އަދި، މި އިންތިޚާބު ކާމިޔާބު ކުރެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުން ކަމުގައިވާ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، އަލްފާޟިލް ޢަބްދުﷲ އަމީނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.