ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ކޮށްދެއްވި ޚިދްމަތްތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޤައުމުގެ އެންމެ އިސް މަޞްލަޙަތުތައް ޙިމާޔަތް ކުރައްވައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވެވުމާ ހަމައަށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، ރައީސް ވަޙީދު ދެމިހުންނަވައި، ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރުކާރުން ރައީސް ވަޙީދަށް ފުރިހަމަ އިޙްތިރާމް އަރުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުންނަވާ ވަގުތެއްގައި، ސަރުކާރުން އެދިވަޑައިގަންނަވާ ކޮންމެ މަސައްކަތެއްވެސް އިޚްލާޞްތެރިކަމާއެކު ކޮށްދެއްވާނެ ކަމުގައި ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވިއެވެ.