ޞިއްޙީ ޚިދްމަތަކީ ހަމައެކަނި ސަރުކާރުން ދެއްވާ ޚިދްމަތަކަށް ނުހެއްދެވުމަށާއި، ރާއްޖޭގެ ރައްޔިތުންނަށް މި ޚިދްމަތް ފަސޭހަކަމާއެކު އަދި ލުއިފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް، މި ޚިދްމަތުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އަމިއްލަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އިލްތިމާސް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރގެ ތަޞައްވުރުގެ ތެރެއިން ފުރަތަމަ ސަތޭކަ ދުވަހުގެ ލަނޑުދަނޑިތައް އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި، ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގައި ރޭ އޮތް ރަސްމިއްޔާތުގައި، މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދައްކަވަމުން، އަމިއްލަ ފަރާތްތަކުން ދެއްވާ ޞިއްޙީ ޚިދްމަތްތަކުގެ އަގަކީ، ރާއްޖޭގެ ރައްޔިތުންނަށް، އެ ޚިދްމަތްތަކަށް ވާސިލްވެވޭނެ އަގަކަށް ހައްދަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ކޮންމެ ރައްޔިތަކު މިއަދު ޤަބޫލުކުރާނެ ޙަޤީޤަތަކީ، މުޖްތަމަޢެއްގެ ހަމަޖެހުމާއި ރައްކާތެރިކަމުގެ އެންމެ މުހިންމު އަސާސަކީ، ފަސޭހަކަމާއެކު ވާސިލުވެވޭނެ، އިތުބާރު ލިބިގެންވާ އަދި ރަނގަޅު ޞިއްޙީ ނިޒާމެއް، އެ މުޖްތަމަޢެއްގައި ޤާއިމުވެފައި އޮތުން ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، މިއަދުގެ ސަރުކާރުން މި ފެށްޓެވީ، އެމަސައްކަތް ކަމަށާއި، އެމަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ޞިއްޙީ ފަރުވާ ލިބިގަތުމުން ރާއްޖޭގެ އެއްވެސް ރައްޔިތަކު މަޙްރޫމްނުވުން ކަމުގައި ވިދާޅުވިއެވެ. ހަމައެޔާއެކު، ފަސޭހަކަމާ އެކީގައި ފަރުވާ ލިބޭނެ އިންތިޒާމް، ރާއްޖޭގައި ހަމަޖެހިގެން ގޮސް، ބޭސްފަރުވާ ކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުން ހާސްވާން ނުޖެހުން ކަމުގައިވެސް ވިދާޅުވިއެވެ. މިރޮނގުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވައިލައްވަމުން، އިރާދަކުރެއްވިއްޔާ، އަންނަ ޖަނަވަރީ މަހުން ފެށިގެން ރާއްޖޭގެ ރައްޔިތުންނަށް، ހުސްނުވާ އާސަންދައިގެ ޚިދްމަތް ލިބޭނެގޮތް ހަމަޖެހި، ހާސްވުމެއްނެތި ބޭސްފަރުވާ ކުރެވޭނެ ނިޒާމު، ﷲގެ އިރާދަފުޅާއެކު ހަމަޖެހިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިޢުލާނު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއަދު ޞިއްޙީ ޚިދްމަތް ރައްކާތެރިކަމާ އެކީގައި، ރަނގަޅު ބިންގަލެއްގެ މަތީގައި ކުރިއަށްގެންދާ ވާހަކަ ދައްކާ ކަމަށްވާނަމަ، މި ޚިދްމަތް ފަސޭހަކަމާއެކު ފޯރުވައިދެވޭނެ އިންތިޒާމްތައް ހަމަޖެހުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި މާތްﷲގެ ބަރަކާތުން މިއަދު މިފަށާ މަސައްކަތަކީ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އެއްގޮންޖެހުން ކަމުގައިވާ ޞިއްޙީ ދާއިރާގައި ހުރި މައްސަލަތައް، ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި ޙައްލުކުރުމަށް ފަށާ މަސައްކަތެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.