ރާއްޖޭގެ ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިރޭ ރާއްޖެ ވަޑައިގަތުމުން، އެމަނިކުފާނަށް ހޫނު މަރްޙަބާއެއް ވިދާޅުވެއްޖެއެވެ. ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ދެކަނބަލުންނަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ. ރައީސް ވަޙީދު މާލޭ ހަތަރު ނަންބަރު ފާލަމަށް ފައިބާވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކެބިނެޓްގެ ބައެއް ވަޒީރުންނެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައީސް ވަޙީދަށް އެންމެ މަތިވެރި ޤަދަރާއި އިޙްތިރާމް އަރުވާނެ ކަމަށެވެ.

ރައީސް ވަޙީދުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ނައިބު ރައީސަށާއި، ސަރުކާރަށް މުބާރަކްބާދީ އަދާކުރެއްވިއެވެ. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މަރްޙަބާ ވިދާޅުވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މުޖްތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކުރެއްވޭތޯ ބައްލަވާނެ ކަމުގައިވެސް ރައީސް ވަޙީދު ވިދާޅުވިއެވެ.