ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ސަޢީދު ޚާން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި، ޕާކިސްތާނު ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކުގެ މައްޗަށްވެސް ދެބޭފުޅުން ބައްލަވައިލެއްވިއެވެ. ޚާއްޞަކޮށް، ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގައި، ޕާކިސްތާނު ސަރުކާރުން އިތުރު ފުރުޞަތުތައް ހޯއްދެވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޕާކިސްތާނު ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.