ދިރާސީ އާ އަހަރު ފެށިގެންދާނީ، ބެލެނިވެރިންގެ މިހާރު ހުރި ވަރަށް ގިނަ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގަލޮޅުގެ އަވަށުގެ ބައެއް ގޭގެއަށް މިއަދު ހަވީރު ޒިޔާރަތް ކުރެއްވުމަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ތަޢުލީމީ އާ އަހަރު ފެށިގެންދާއިރު އިސްލާމީ ނިޒާމުގެ ތެރެއިން ކުދިން ތަރުބިއްޔަތު ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި، ކީރިތި ޤުރުއާން މާއްދާއެއްގެ ގޮތުގައި ހުރިހާ ސްކޫލެއްގައި ކިޔަވައިދެވި، އަދި ޢަރަބި ބަސްވެސް ހުރިހާ ސްކޫލެއްގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ޙާލު ބެއްލުވުމުގެ މަސައްކަތަކީ، އަބަދުވެސް ކުރައްވާނެ މަސައްކަތެއް ކަމުގައިވެސް ނާއިބު ރައީސް ވިދާޅުވިއެވެ. އަދި މިއަދު ގަލޮޅުގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރެއްވުމުން، ޞިއްޙީ ދާއިރާގަޔާއި، ތަޢުލީމީ ދާއިރާގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގެންފި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.