ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ، އެންމެބޮޑަށް ފާހަގަވެގެންދަނީ، އިންސާނީ ހަމަހަމަކަމާއި ޙައްޤުތައް ކަށަވަރުކޮށްދެއްވުމަށް ވަކާލާތު ކުރައްވައި، ނަމޫނާ ދެއްކެވި ޝަޚުޞިއްޔަތެއްގެ ގޮތުގައި ކަމަށާއި، އަދި ނަސްލީ އިމްތިޔާޒު ނައްތާލެއްވުމަށް ބުރަމަސައްކަތްޕުޅުތަކެއް ކުރެއްވި ހިތްވަރުފުޅުގަދަ ބޭފުޅެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ނެލްސަން މަންޑޭލާ އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ހިތާމަފާޅުކުރައްވަމުން މިއަދު ހަވީރު ދެއްވި ބަޔާނެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި، ނެލްސަން މަންޑޭލާއަކީ، މުޅި ދުނިޔެ ޚާއްޞަ ޤަދަރެއް ދީފައިވާ ބައިނަލްއަޤުވާމީ ޝަޚުޞިއްޔަތެކެވެ. ލާމަސީލު ބޭފުޅެކެވެ. މި ޖީލުގެ ގިނަބައެއްގެ އިޙުތިރާމާއި ޤަދަރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއްވެސްމެއެވެ.
ނެލްސަން މަންޑޭލާއަކީ، ދިވެހި ރައްޔިތުންގެ މަޤްބޫލުކަން ހޯއްދަވާފައިވާ ޝަޚުޞިއްޔަތެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވަމުން، އެމަނިކުފާނުގެ ޚިދުމަތްތަކާއި މަސައްކަތްޕުޅުތަކުން އަޅުގަނޑުމެންގެ ވަރަށްގިނަ ބަޔަކަށް ހިތްވަރު ލިބިގެންދިޔަ ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިނިވަންކަމާއި، އިންސާނީ ކަރާމާތްތެރިކަމާއި، ޙައްޤުތައް މިއަދުގެ ދުނިޔޭގައި އާންމު ބަސްތަކަކަށްވެ، އެކި ޤައުމުތަކުގެ ޤާނޫނުއަސާސީގައާއި ޤާނޫނުތަކުގައި އިންސާނީ ކަރާމާތާއި ޙައްޤުތަކުގެ ވާހަކަ ބަޔާންވެގެންދިޔަ އެންމެ މުހިންމު ސަބަބަކީ އެމަނިކުފާނުގެ މަސައްކަތްޕުޅު. އެމަނިކުފާނު ދެއްކެވި އިންސާނީ ހަމަހަމަކަމުގެ ރީތި ނަމޫނާގެ ސަބަބުން، ތަފާތު ދީންތަކުގެ މީހުންވެސް ޞުލްޙަވެރިކަމާއެކު އުޅުމާއި، އެކަކު އަނެކެއްގެ ޙައްޤުތަކަށް އިޙުތިރާމުކުރުމުގެ މުހިންމުކަން އެމަނިކުފާނުގެ ޢަމަލީ މަސައްކަތްޕުޅުން ވަނީ އަޅުގަނޑުމެންނަށް ދައްކަވާފައި." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ނެލްސަން މަންޑޭލާއަކީ،ބަދަލުހިއްޕެވުމުގެ އެއްވެސް ރޫޙެއް ގެންގުޅުއްވާފައިނުވާ ބޭފުޅެއްކަން، ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދިމުޅިދުނިޔޭގެ ލޯތްބާއި އިޙުތިރާމާއި ޤަދަރު ހޯއްދަވާފައިވާ ބޭފުޅަކު، މިއަދު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމަކީ، މުޅި ދުނިޔެއަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ވިދާޅުވެ، އެއީ، މުޅި އިންސާނިއްޔަތަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަން މިއަދު ދިވެހިރައްޔިތުންނާއި ދިވެހި ޤައުމު ފާހަގަކުރާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ.