ބައިނަލްއަޤްވާމީ މައިދާނުގައި ރަޝިޔާއިން އަބަދުވެސް ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ރާއްޖޭގެ ސިޔާދަތަށް ރަޝިޔާއިން ކުރާ އިޙްތިރާމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށްޓަކައި ޝުކުރު އަދާ ކުރެއްވީ، އެމަނިކުފާނުގެ އަރިހަށް، ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެލެގްޒެންޑަރ ކަރޗާވާ މިއަދު ހެނދުނު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުދި ޤައުމުތަކަށް ރަޝިޔާއިން ދެމުން ގެންދާ އަހަންމިއްޔަތު ފާހަގަކުރައްވައި، އ.ދ. ގެ ސަލާމަތާބެހޭ މަޖިލީހުގައި ރާއްޖޭގެ ދާޚިލީ ކަންކަމަށް ޙައްލު ހޯދާނީ ދިވެހި ރައްޔިތުން ކަމަށް ވަކާލާތު ކޮށްދެއްވާފައިވާ ކަމަށްޓަކައި ރާއްޖޭގެ ރައްޔިތުންވެސް ޝުކުރުވެރިވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އަބަދުވެސް ދާޚިލީ ކަންކަން އަމިއްލައަށް ޙައްލު ކުރަމުން ގެންދާ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރަޝިޔާގެ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރަޝިޔާ އޮތީ، މި އާ ސަރުކާރާއެކު ގާތް ގުޅުންތަކެއް ޤާއިމުކޮށް، އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.

ރަޝިޔާ ސަފީރުގެ ވާހަކަފުޅުގައި، އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ރަޝިޔާއިން އަބަދުވެސް ޚާއްޞަ ސަމާލުކަމެއްދޭ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ރަޝިޔާގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް، ރަޝިޔާ ސަފީރު އެރުވިއެވެ.

މީގެ އިތުރުން، ރާއްޖެއާއި ރަޝިޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ އާއި ރަޝިޔާ ސަފީރު، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހި ކުރުމާމެދު ތަފާތު ދާއިރާތަކުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ޢިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.