ރާއްޖޭގެ ރައްޔިތުން އެކުވެރިކުރުމުގަޔާއި، އެއްބައިވަންތަ ކުރުމުގަޔާއި، އަދި ރާއްޖޭގެ ރައްޔިތުންނަށާއި ސަރުކާރަށް، އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުމުގައި އެހީތެރިވެދެއްވުމަށް، ރާއްޖޭގެ ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އިލްތިމާސް ކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް، ޝަރަފުވެރިކަމާއެކު އެ މަޤާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން ރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިސްކަންދަރު ކޮށީގައި ބޭއްވެވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި، ރާއްޖޭގެ ރައްޔިތުން މިއަދު ރޮއެ އާދޭސްކުރާ އެއްކަމަކީ، މުޖުތަމަޢުގެ ޞުލްޙަވެރިކަން ގެއްލިގެން ދިޔުމެވެ. އެހެންކަމުން، ރާއްޖޭގެ ރައްޔިތުންނަށް އެކުވެރިކަމާއެކީގައި އުޅެވޭނެ މާޙައުލެއް ޤާއިމުވެފައި އޮންނަންޖެހޭ ކަމަށާއި، އެކަކު އަނެކަކުގެ އަބުރަށް އަރައިނުގަނެވޭނެ މާޙައުލެއް ޤާއިމުވެފައި އޮންނަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖެ މިއަދު އާ މަރުޙަލާއަކަށް ދާއިރުގައި، ފުލުހުންގެ ޚިދުމަތަކީ، ޢާންމު ރައްޔިތުންގެ ރުހުމާއި ތާއީދު ހޯދުމަށްވުރެ ބޮޑަށް، އަދި ވަކިބަޔަކަށް ޚިދުމަތް ކޮށްދިނުމަށްވުރެ ބޮޑަށް، މުޅި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޝުޢޫރުގައި ކުރިއަށް ގެންދަންޖެހޭ ޚިދުމަތެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް ޢަބްދުﷲ ރިޔާޒްގެ ޚިދުމަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖޭގެ ޤާނޫނު ތަންފީޒު ކުރުމުގަޔާއި، ދިވެހި މުޖުތަމަޢަކީ ހަމަޖެހޭ މުޖުތަމަޢަކަށް ހައްދަވައި ދެއްވުމުގައި، އެމަނިކުފާނަކީ ރަންއަކުރުން ލިޔެލެވޭނެ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޑޮކްޓަރ އަފްރާޝީމް ޢަލީ، އަވަހާރަކޮށްލި ހާދިސާގެ ތަޙުޤީޤާ ގުޅިގެން، ވަގުތުން ނިންމަވަންޖެހޭ މުހިންމު ނިންމެވުންތައް ޢަބްދުﷲ ރިޔާޒު ނިންމަވައި، ރާއްޖެއިން ބޭރުން ކަމާގުޅޭ މާހިރުން ގެންނަވައިގެން، އެ ހާދިސާގެ އެންމެ އަޑިއަށް ވާޞިލުވެ، އެކަމުގެ ތަޙުޤީޤު ކާމިޔާބުކަމާއެކު ގެންދަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެމައްސަލައިގައި ޝަރީޢަތުގެ މަރުޙަލާގައި ދަޢުވާ އުފުލިފައިވަނީ ޢަބްދުﷲ ރިޔާޒުގެ އިސްނެންގެވުމާއި ދުރުވިސްނެވުމާއި ކަންކަން ކުރެއްވުމުގެ ތަޖުރިބާ ހުރީމާ ކަމަށް ވިދާޅުވިއެވެ.