ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިޝަން ޗީފް ޑޮކްޓަރ ކޯޝީ މަތާއީ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއާއި ސިޔާސަތުތަކާ ބެހޭގޮތުން އައި.އެމް.އެފް.ގެ ޗީފް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މަޢުލޫމާތު އޮޅުން ފިލުއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ޑޮކްޓަރ ފަޒީލް ނަޖީބާއި، ޑެޕިއުޓީ ގަވަރނަރ އަލްފާޟިލާ ޢާއިޝަތު ޒާހިރާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އައި.އެމް.އެފް.ގެ އިކޮނޮމިސްޓް ޑޮކްޓަރ ނަންދަކާ މޮލަގޮޑާވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.