ސާކް ޤައުމުތަކުގެ މެދުގައި މިހާރަށްވުރެ ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ސާކުގެ އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް އޭ.ސީ.އޭ.އެމް.އޭ. އައްޥަލް މަޝްވަރާ ކުރައްވައިފިއެވެ. މިމަޝްވަރާތައް ކުރެއްވީ ބަންގްލަދޭޝް ސަފީރު ރައީސުލްޖުމްހޫރިއްޔާ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ގުޅުން ދެމިގެންދާންޖެހޭނީ ހުރިހާ ޤައުމެއްގެވެސް މިނިވަންކަމާއި، އިސްތިޤަލާލާއި ޘަޤާފަތް ނުގެއްލޭފަދަ ގޮތަކަށް ކަމުގައި ވިދާޅުވިއެވެ. އަދި، މިފަދަ ގުޅުމެއް ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ މެދުގައި ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައީސް މައުމޫންގެ ޒަޢާމަތުގައި ސާކް ޤައުމުތަކުގެ މެދުގައި، އަދި ވަކިން ޚާއްޞަކޮށް ބަންގްލަދޭޝްއާއެކު، ވަރަށް ގާތްގުޅުމެއް ދަމަހައްޓަވާފައިވާ ކަމަށާއި، މި ގުޅުން ކުރިއަށް ގެންދެވުމަށް އެމަނިކުފާނުވެސް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޙާބު ކާމިޔާބު ކުރައްވައި މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ޤައުމަށްވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި، މި ކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ޙައްލެއް ހޯއްދެވުމާ ބެހޭގޮތުން ޚިޔާލު ބަދަލުކރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއަންނަ ބަންގްލަދޭޝްގެ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށް، ރާއްޖެއަށް އެތެރެވާ މަސައްކަތްތެރީންގެ ޢަދަދު ކޮންޓްރޯލް ކުރަން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ސަފީރު އަލިއަޅުވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މައްސަލައަކީ އެ މަނިކުފާނުގެ ސަރުކާރުން ވަރަށް މުހިންމު ކަމެއް ދެއްވާ މައްސަލައެއް ކަމަށާއި، މިކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވައި ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.