ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެމަތީން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ބްލޫހެވަން އަލްއުސްތާޛު ޝަމްސުލް ފަލާޙް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢައްޔަނު ކުރައްވައިފިއެވެ. އަލްއުސްތާޛު ޝަމްސުލް ފަލާޙް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، އަލްއުސްތާޛު ޝަމްސުލް ފަލާޙް ކުރެއްވިއެވެ.