ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، އިންޑިޔާ ސަފީރު ނައިބު ރައީސަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވިއެވެ.

ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަންކަން ނާއިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވަމުން، ވިޔަފާރިއާއި، ބޭރުގެ އިންވެސްޓްމަންޓްތަކާއި، އިޖުތިމާޢީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ދިވެހިންނާއި އިންޑިޔާގެ ރައްޔިތުންނާ ދެމެދު އޮންނަ ޚާއްޞަ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެއާއި އިންޑިޔާއާ ދެމެދު އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮންނަ ކަމުގައި ވިދާޅުވިއެވެ. އަދި ދެޤައުމުގެ އިސްވެރިންގެ ދެމެދުގައިވެސް، ކުރިއްސުރެ އޮންނަ ރަނގަޅު ގުޅުން އިންޑިޔާގެ ސަފީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާ ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދަވާ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައި، އިންޑިޔާ އާއި ރާއްޖެއާ ދެމެދު ގުޅުންބަދަހި ކުރެވޭނެ އިތުރު ދާއިރާތަކުގެ މައްޗަށްވެސް ދެބޭފުޅުން ބައްލަވައިލެއްވިއެވެ.