ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، އެހޮސްޕިޓަލުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، އެމަސައްކަތްތައް ތަރައްޤީ ކުރުމަށްޓަކައި ހޮސްޕިޓަލުން ކަންކަން ރާއްވަވާފައިވާ ގޮތް ބައްލަވާލައްވައިފިއެވެ.

މިގޮތުން، އެމަނިކުފާނު މިއަދު ހަވީރު އެހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލުގެ އިސް ވެރިންނާ ބައްދަލުކުރައްވައި، އައި.ޖީ.އެމް.އެޗް ހިންގުމުގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް އޮޅުން ފިލުއްވިއެވެ. ޞިއްޙީ ދާއިރާއަށް ކަނޑައެޅިފައިވާ ސިޔާސަތުތަކުގެ ތެރެއިން 100 ދުވަހުގެ ތެރޭގައި ކުރެވޭނެ ކަންތައްތައް ބައްލަވައި، އެކަންތައްތައް ވަރަށް އަވަހަށް ކުރަން ފަށަންޖެހޭކަން ފާހަގަކުރައްވަމުން، އެ ކަންތައްތައް ކުރުމުގައި އައި.ޖީ.އެމް.އެޗް އާއި ހެލްތް މިނިސްޓްރީގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް މިހާރުން މިހާރަށް އެޅެން ހުރި ފިޔަޅުތަކާ ބެހޭގޮތުން އެހޮސްޕިޓަލުގެ އިސްވެރިންނާ ނާއިބު ރައީސް މަޝްވަރާކުރެއްވިއެވެ. ނާއިބު ރައީސްގެ މި ޒިޔާރަތުގައި، ހޮސްޕިޓަލުގައި ތިބި ބައެއް ބަލި މީހުންނަށް ޒިޔާރަތް ކުރައްވައި، އެމީހުންގެ ޙާލުވެސް ބައްލަވައިލެއްވިއެވެ.

ނާއިބު ރައީސް މިއަދު އައި.ޖީ.އެމް.އެޗް.އަށް ޒިޔާރަތް ކުރެއްވުމަށްފަހު، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، މިއަދު ހޮސްޕިޓަލަށް ޒިޔާރަތް މި ކުރެއްވީ، ހޮސްޕިޓަލަކީ ރައްޔިތުންނަށް އެންމެ މުހިންމު އެއް ޚިދުމަތް ދޭ ތަނަށްވެފައި، ޕީ.ޕީ.އެމް.ގެ މެނިފެސްޓޯގެ އެންމެ މުހިންމު އެއްވަޢުދަކީ ރާއްޖޭގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުން ކަމަށްވާތީ، ރާއްޖޭގެ މައި ހޮސްޕިޓަލުގެ ޙާލަތު ދެނެގަތުމަށްޓަކައި ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށްވެސް ނާއިބު ރައީސް ޖަވާބު ދެއްވިއެވެ.