ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 37 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކުލަވައިލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ބަންޑާރަ ނައިބު އަލްއުސްތާޛު މުޙަންމަދު އަނިލް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަމަޖައްސަވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އަލްއުސްތާޛު މުޙަންމަދު އަނިލް ހަމަޖެއްސެވި ކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، އަލްއުސްތާޛު މުޙަންމަދު އަނިލް ކުރެއްވިއެވެ.