ވެރިކަން ކުރައްވަމުން ގެންދަވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން، އަދި ރައްޔިތުންގެ އިޙުސާސްތައް ދެނެގަނެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު އަވަށުގެ ބައެއް ގޭގެއަށް މިއަދު ހަވީރު ޒިޔާރަތްކުރެއްވުމަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިފަދަ ޒިޔާރަތްތަކުގެ ބޭނުމަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ޙާލު ރަނގަޅަށް ބެއްލެވުން ކަމުގައި ވިދާޅުވެ، މިޒިޔާރަތުގައި އެމަނިކުފާނަށް ފާހަގަކުރެއްވުނު ކަންކަމުގެ މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވަނީ ގެދޮރުގެ ދަތިކަމާއި، ކަރަންޓު އަގުބޮޑުވުމާއި، އަދި ކާބޯތަކެތީގެ އަގު އުފުލިގެން ދާދިޔުން ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި، މިސަރުކާރުގެ އަމާޒަކީ އެއްވެސް ތަފާތު ކުރުމެއް ނެތި، ޚިޔާލު ތަފާތު ރައްޔިތުންވެސް ގޮވައިގެން، ހުރިހާ ރައްޔިތުންނަށްޓަކައި، އެކުވެރިކަމާ އެކީގައި ވެރިކަން ކޮށްދިނުން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.