ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. އަދި ފުލުހުންގެ އިދާރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރިއަށްއޮތްތާނގައި ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގެ ކުރިން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ރަސްމީ ލިޔުން، ޙުސައިން ވަޙީދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.