ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމުގެ ތެރެއިން އެންމެ ބޮޑެތި ކަންކަން އެކުލެވޭ 100 ދުވަހުގެ ރޯޑްމެޕެއް، ކެބިނެޓްގެ ފުރަތަމަ ޖަލްސާއަށް ހުށަހަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ކެބިނެޓަށް ޢައްޔަނު ކުރެއްވި 6 ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށްފަހު، މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވާނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި އަދި އަޅުގަނޑުމެން ޢާންމުކޮށް ޤަބޫލުކުރާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންތައްތައް ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީގައި އަދި އެންމެ އަވަސްމިނެއްގައި ފޯރުކޮށްދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ޞުލްޙަމަޞްލަޙަތު ޤާއިމްވެފައިވާ ތަނަކަށް ހެއްދެވުމަށާއި، ބައިބައިވުންތައް ނައްތާލައި، ހަމަޖެހޭ މުޖްތަމަޢެއް ޤާއިމްކުރައްވައި އަދި ހުރިހާ ރައްޔިތުންގެ ފަރުދީ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ވަޒީރުންގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކެބިނެޓްގެ މަސައްކަތްތައް ރައްޔިތުން ވަރަށް ކައިރިން ބައްލަވަމުން އެބަގެންދާ ކަމަށާއި، މި ޒަޢާމަތާ މި ޙަވާލުވެވަޑައިގަތީ، ރައްޔިތުންގެ ވަރަށްގިނަ އުންމީދުތަކެއް ފުރިހަމަކޮށްދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން މިގެންދަވަނީ، އަޅުގަނޑުމެން މިދެކެން ބޭނުންވާ ޙަޤީޤަތާ ހަމައަށް، ކުރު މުއްދަތެއްގެ ތެރޭގައި ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ކަމަށް ވިދާޅުވެ، ކޮންމެ ވަޒީރަކުވެސް، އެބޭފުޅެއްގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމަ މިނެއްގައި، މަސައްކަތް ކޮށްދެއްވައި، މަސައްކަތުގެ ސްޕީޑް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. [ރައްޔިތުން އެތިބީ ކެތްތެރިކަން މަދުވެފައި. އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ހަމަ ވީރާނާވަމުންދާ މުއައްސަސާތަކެއް. މުއައްސަސާތައް އާރާސްތު ކުރަން އެބަޖެހޭ. ހަމައެޔާއެކީ، ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދޭން އެބަޖެހޭ. ރައްޔިތުންނަށް ކަށަވަރުކަން ހޯދައިދޭން އެބަޖެހޭ. އަދި ދިވެހިރާއްޖޭގައި ޤާނޫނީ ޙުކޫމަތު ދަމަހައްޓާނެ ކަމުގެ ކަށަވަރުކަން، ރައްޔިތުންނަށް އެބަ ހޯދައިދޭންޖެހޭ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.