ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، މިނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، މިމަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރެއްވުމާ ގުޅިގެން އެމެރިކާ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މިވަގުތު އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ނައްތާލައްވައި، ޤައުމުގައި ޢަމާން މާޙައުލެއް ޤާއިމުކޮށްދެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

އެމެރިކާއާއި ދިވެހިރާއްޖެއާއި ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމާއި، މިގުޅުން އެކިދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.